| Main | News | Dhivehi | Editorials | Opinions | Guestbook |About Maldives |Downloads |About us | Links | 09 December 2005 08:05

މައުމޫނު ޢަބްދުލް ޤައްޔޫމްގެ އަގެއްނެތް ވާރުތަ

Download MV Elaaf Lite Font   View PDF

މި އަހަރުގެ ޖޫންމަހުގެ 9 ވަނަ ދުވަހު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެ ހުށަހެޅުއްވި ޚިޔާލުތަކަކީ މާކުރީން ދިވެހި ރާއްޖޭގައި މިހާރު ހިނގާވެރިކަމާ ދެކޮޅުހަދާ ސިޔާސީ ފަރާތްތަކުން ހުށަހަޅައި އެކަންތައްތަކަށް ޢަމަލީ ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ ކަންތައްތަކެވެ. އަޖައިބު ވާންޖެހޭ ކަމަކީ މައުމޫން ޢަބްދުލް ޤައްޔޫމް، އެޚިޔާލުތަކަކީ އޭނާގެ އަމިއްލަ ޚިޔާލުތަކެއް ކަމަށް ދަޢްވާ ކުރާއިރު، މިޚިޔާލުތަކުގެ ޙަޤީޤީ އަހުލުވެރިންނަކީ ދިވެހި ރައްޔިތުންކަމަށް ވީކަމާއި،ޚުދު މައުމޫން ޢަބްދުލް ޤައްޔޫމުގެ އަމިއްލައަށް ނަފްސު އެދޭ އެދުން ދިވެހި ރައްޔިތުންގެ އަޑުން އިވުމުން އަޑުއަހަން ، އެއަޑަށް ބީރުކަންފަތެއް ދީގެންހުރެ  26 އަހަރުގެ ދިގު ރާސްތާ ފާޅުގައި ދިވެހި ރައްޔިރުންގެ ޙައްޤުތައް ނިގުޅައި ގަނެ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަޤާމުގެ ނުފޫޒު ނުހަމަ ގޮތުގައި ބޭނުން ކުރަމުން މިއަދާއި ހަމައަށް އައިކަމެވެ.

މިހާރު ދިވެހިރާއްޖޭގައި ޢަމަލު ކުރެވެމުންދާ ޤާނޫނު އަސާސީއަކީ ދައުލަތް ހިންގުމުގެ ބާރުތައް ފުޅާވެ، ވެރިކަން ހިންގާ ފަރާތަކަށް ލިބިދީފައިވާ ދުސްތޫރީ ބާރުތައް ގިނަކަމުގެ ދިރިހުރި ހެއްކެކެވެ. އެހެނީ މައުމޫން ޢަބްދުލް ޤައްޔޫމް މިހާރު އެދައްކާ ވާހަކަތަކުގެ ފަހަތުގައި އެއްވެސް ތެދުވެރިކަމެއް ނުވަތަ ޙަޤީޤަތެއް ވާނަމަ، މިދެންނެވި ދުސްތުރީ ބާރުތަކުގެ ބޭނުން ފުރިހަމައަށް ހިފައި، ދިވެހި ދައުލަތުގެ ވެރިކަން ހަޤީޤީ ޑިމޮކްރަސީ ވެރިކަމަކަށް ބަދަލުކުރުމަކީ ލުއި ފަސޭހަކަމެކެކެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީވެސް ވޭތުވެ ދިޔަ 26 އަހަރު ދުވަހުގެ ތެރޭގައި މައުމޫނު ވިސްނިކަމެއްނަމަ ޚިޔާލެއް ފާޅުކުރި ކޮންމެ މީހަކު އުމުރުދުވަސް ޖަލުގައި ހޭދަކުރަން ނުޖެހުނީސްކަން ކަށަވަރެވެ. ހަމަ އެހެންމެ ރިޔާސީ އިންތިޚާބުގެ ނިޒާމު ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ކުރިއަށް ގެންދަން މައުމޫން ޢަބްދުލް ޤައްޔޫމް ބޭނުންނަމަ،  އިންތިޚާބުތަކުގެ މައްޗަށް ނުފޫޒު ނުހިންގާ، ލިބިފައިވާ ދުސްތުރީބާރުތަކުގެ ދަށުން އެކަން އިޞްލާޙުކުރީސްކަން ކަށަވަރެވެ. އަދި ކެންޑިޑޭޓުންގެ ކެމްޕޭނޮ، ސީދާ ރައީސް ޢައްޔަން ކޮށަފައިހުންނަ  ކަމިޝަނަރ އޮފް އިލެކްޝަންސްގެ އެހީގައި ފުރިހަމައަށް އަމިއްލަ ބާރުގެ ދަށަށް ގެންނެސް، ރާއްޖެތެރޭ ރައްރަރަށުގެ ވޯޓުތަކަށް ނުފޫޒުފޯރުވުމާއި، އަތޮޅުތަކާއި ރައްރަށުގެ ވެރީންގެ ޣައިރުޤާނޫނޫނީ ނުފޫޒު އިންތިޚާބުގެ ތެރެއަށް ވަނުން އިސްވެދިޔަ 26 އަހަރުދުވަހުގެ ތެރޭގައި މަނާކޮށް އެކަންތައްތައް ދީމުޤުރާޠީ އުސޫލުން ކުރިއަށް ގެންދިޔައީހެވެ.

މައުމޫން ޢަބްދުލް ޤައްޔޫމުގެ ޢާއިލާގެ ބައެއް މެމްބަރުންނާއި ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބި މައުމޫނުގެ އަޢުވާނުން މެނުވީ، ގާތްގަނޑަކަށް މުޅި ދިވެހިރާއްޖޭގެ ވޯޓުލުމުގެ ޙައްޤުލިބިގެންވާ މީހުންގެ  95%މީހުން މައުމޫންގެ ޚިޔާލުތަކަށް މިއައި ކުއްލި ބަދަލާއިމެދު ޝައްކުއުފެދިވާކަން ފާހަގަ ކުރެވިފައިވެއެވެ. ޑިމޮކްރެޓިކް ހަމަތަކުގެ މަތީން އިންތިޚާބެއް ބޭއްވިކަމުގައިވިޔަސް އިސްވެ ނަންގަނެވުނު ޚާއްޞަ އަޢުވާނުންގެ އަދަދަށްވާ %5 ވޯޓް، ލިބުމަކީވެސް ދާދިފަހުން މައުމޫނާއި އޭނާގެ ޢާއިލާމީހުންންގެ ތެރެއިން މައުމޫނުގެ އަނިޔާވެރި ވެރިކަން ނައްތާލަން އެދޭ ބައެއް މީހުންނާއި ޖެހިފައިވާ މައްސަލަތަކަށްފަހު ދުރުގައިވާ ކަމެކެވެ. (%5 ކަމަށް ކުރެވިފައިވާ އަންދާޒާއަކީ އެކަށިގެންވާ ވަރަށްވުރެ ނުވަތަ ޙަޤީޤީ ޢަދަދާއި ދިމާނުވާ ޢަދަދެއްނަމަ، "ޑީއޯ" އެކަމަށް މަޢާފުއެދެއެވެ.)

އަނިޔާވެރިކަމުން ފުރިގެންވާ ޚުދުމުޚުތާރު ވެރިކަން 26 އަހަރުގެ  ރާސްތާއަކަށް ދިގުދެންމުމަށްފަހު، މައުމޫން ޢަބްދުލް ޤައްޔޫމް ބޭނުންވަނީ ދިވެހި ދައުލަތުގެ ސިޔާސީ ނިޒާމް ހަރުދަނާ ކުރުމަށް އަމިއްލަ ނަމުގައި ފުރިހަމަ ޚިޔާލުތަކެއް ވާރުތަ މުދަލެއްގެ ސިފައިގާ ދޫކޮށްލުމެވެ. ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސްގެ 77 ހަތްވަނައިގާ އޮތް ކުޑަކުޑަ ދިވެހިރާއްޖޭގައި އެތައް މިލިއަން ޑޮލަރުގެ ގަނޑުވަރެއްގައި ދިރިއުޅުއްވާ، އުފަލާއި މަޖަލުގެ ވަގުތުތައް ހޭދަކުރުމަށް އަމިއްލަ ރަށްތައް ގެންގުޅެ، 20 މަދަރުސާ ބިނާކުރެވޭނެހާ ފައިސާ ޚަރަދުކޮށްގެން ހަދާފައިވާ އޮފީހެއްގައި އުޅެމުން ޚުދުމުޚުތާރުވެރިއެއްގެ ލަޤަބު ލިބި، ފޮތްތަކުގައި މިސާލުޖެހޭ ފެންވަރުގެ މީހަކަށް މައުމޫނު ޢަބްދުލް ޤައްޔޫމް ވެފައިވެއެވެ. މިއީ ހަމައެކަނި މައުމޫން ޢަބްދުލް ޤައްޔޫމް ވަރުގަދަ ރަސްކަލެއްގެ ޙައިޡިއްޔަތުން ދިވެހި ރައްޔިތުންނަށް މަކަރާ ހީލަތްހަދަމުން އެއްކުރި މަދު އާސާރީ ހަނދާން ތަކެކެވެ.

ޤައުމާ މުޚާޠަބުކޮށް، މިނަންގަނެވުނު ތަޤުރީރު ދިނުމަށްފަހު މިހާރު މައުމޫނުގެ އަޢުވާނުން ކުރަމުން ގެންދާ މަސައްކަތަކީ ރާއްޖެތެރޭގެ ރައްޔިތުންގެ މައްޗަށް ބާރުހިންގާ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ނިޒާމު ތަޢާރަފް ކުރަން އެމީހުންނަށް ނުފެންނަކަމަށް ބުނެ ރައީސުލް ޖުމްހޫރިއްޔާއަށް ސިޓީ ފޮނުއްވުމުގެ މަސައްކަތެވެ. ޢަބްދުﷲ ޙަމީދާއި ޔާމީނު ބުނާގޮތުން ސިޔާސީ ޕާޓީތަކުގެ ނިޒާމަކި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދާ އެބައިމީހުންގެ ޙަޔާތް ނާއުންމީދުން ފުރުވާލާނެ އަގެއްނެތް އުސޫލެކެވެ.

ތިރީގައި މިދަންނަވާ ސުވާލުތަކުގެ ޖަވާބާއިމެދު ވިސްނާވަޑައިގަތުމުން މައުމޫން ދާދި އިހަށްދުވަހު ފުރިހަމަ ދީމުޤްރާޠީ ވެރިއެއްކަން ސާބިތުކުރުމަށް އެކުރާ މަސައްކަތުގެ ޙަޤީޤަތް ކިޔުންތެރިންނަށް އެނގިވަޑައިގަންނަވާނެކަމަށް ފެނެއެވެ.   

·        މައުމޫން ޢަބްދުލް ޤައްޔޫމް، މިހާރު އޮތް ދިވެހިރާއްޖޭގެ ޤާނޫން އަސާސީއަށް ބޯލަނބައި އޭގައިވާ ރައްޔިތުންގެ ޙައްޤުތައް އެމީހުންނަށް ނުދެނީ ކީއްވެ؟

·        ކުރިން ޤާނޫން އަސާސީ އިޞްލާޙުކުރުމަށް 17 އަހަރު ހޭދަކުރިއިރު މިހާރު އެ ޤާނޫން އަސާސީ ބަދަލުކުރުމަށް ރައްޔިތުންގެ ޚިޔާލު ހުށަހަޅަން   އެންމެ 15 ދުވަސް ކަނަޑައަޅަންވީ ކީއްވެ؟

·         ރައްޔިތުންގެ ޚާއްޞަ މަޖްލީހުގެ ރައީސް ހޮވުމުގެ ބާރު އެ މަޖުލީހުގެ މެމބަރުންނަށް ދިނުމުގެ ބަދަލުގައި އަމިލައަށް ބޭނުންވާގޮތަށް، ކޮއްކޮ ޢަބްދުﷲ ޙަމީދު ނުވަތަ މިހާރުގެ ޖަސްޓިސް މިނިސްޓަރ ޒާހިރު އެމަޤާމަށް އައްޔަން ކުރުމަށް ނުފޫޒުގެ ބޭނުން ކުރަނީ ކީއްވެ؟ އެ މަޖްލީހުގެ މެމްބަރުން ބޭނުންފުޅު ވެވަޑައިގަންނަވާ ގޮތެއްގެ މަތީން އެކަން ވިޔަ ނުދޭންވީ ކީއްވެ؟

·        ސިޔާސި ބަދަލުތައް ގެނައުމަށް އިދިކޮޅުހަދާ ފަރާތްތަކުގެ ކެމްޕޭނަށް މައުމޫނުގެ އެއްބަނޑު އެއްބަފާ މީހުން ޚަރަދުކުރުން މަނާނުކުރަނީ ކީއްވެ؟ އަދި ސިޔާސި ބަދަލުތަކަށް ތާއީދުކުރާ އޮފިޝަލުންނަށް އިހާނެތިކޮށް ހިތާ ބިރުދައްކަނީ ކީއްވެ؟

·        ސިޔާސީގޮތުން އިދިކޮޅުހަދާ ފާޑުކިޔާ ވެބްސައިޓްތައް ދިވެހިރާއްޖެއަށް ފެންނަ ގޮތް ހައްދަވައި، ނޫސްވެރިކަމާ މީޑިއާގެ އެހެން ވަސީލަތް ތަކަށް ނުފޫޒު ފޯރުވުން ހުއްޓަވާ ނުލަނީ ކީއްވެ؟

·        ޔޫއެންޑީޕީ އާއި ފަޝަންގެ ރިޕޯޓު ބުނާގޮތުން ރާއްޖޭގައި 15000 އަށްވުރެ ގިނަ މީހުން މަސްތުވާތަކެއްޗަށް އަޅުވެތިވެފައިވާއިރު، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް މައުމޫނު ކުރީ ކޮންކަމެއް؟

·        ނައުޝާދު، ޒަކީ، ދީދީ، ނިސްރީން، އަދި ނާޒިމްފަދަ މީހުންގެ މިނިވަންކަން ނިގުޅައިގަތުމުގެ ބަދަލުގައި މީހުންނަށް މިނިވަންކަން ދެއްވާ، އެމީހުން ޖަލުންނާއި ގޭބަމްދުން  ދޫކޮށް ނުލަނީ  ކިއްވެ؟

·         މައުމޫނުގެ ބާރުގެ ދަށުގައިވާ ދިވެހި ސިފައިންގެ ވަޒަނުން މަރުވި ދިވެހި ދަރިއަކު ކަމުގައިވާ އިވާން ނަސީމުގެ މަންމައަށް ބިރުދައްކާ ހައްޔަރުކުރެވިފައިވަނީ ކީއްވެ؟ ދަރިއަކު ތަޙުމެއްނެތި ސިފައިން ތަޅާ، އިހާނެތިކޮށް  މަރާލުމުން އެކަމުގެ ހިތާމަ ކުރުމުގެ ޙައްޤު މަންމައެއްގެ ކިބައިން ނިގުޅައިގަންނަންވީ ކީއްވެ؟ އެ މަންމަގެ ހިތައް ލިބުނު ތަދާ ވޭން ކުޑައީތަ؟

·        އެން.އެސް.އެސް ގެ މެމްބަރުން ލައްވާ ދިވެހި ރައްޔިތުންނަށް އަނިޔާކޮށް ބިރުދައްކަމުން ގެންދަވާ، ޤާނޫނަށް އިހްތިރާމް ކުރަން މައުމޫނަށް ނޭނގުނީ ކީއްވެ؟

·        ޢާންމު ޚިދުމަތްތަކުގެ ބިލުތައް(ފެން، ކަރަންޓު،....) އެހާ ބޮޑުވާންވީ ކީއްވެ؟

·        ޓުއަރިޒަމްގެ ވިޔަފާރިއަށް ދުނިޔޭގައި ހީނަރުކަމެއް އަތުވެއްޖެ ޙާލަތެއްގައި އެކަމުގެ ހިތި ތަޖުރިބާކުރަންޖެހޭނެ އެންމެ ފުރަތަމަ ބަޔަކަށް ދިވެހިން ވާއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދު ހަމައެކަނިޓުއަރިޒަމްގެ މައްޗަށް ބިނާވެފައި އޮންނަންވީ ކީއްވެ؟ އަދި ޓުއަރިޒަމް އިންޑަސްޓްރީގެ ތެރެއަށް ކޮރަޕްޝަން ވަދެ ވަކިބައަކަށް ލިބިފައިވާ ފުރުސަތުތަކަކަށް ވާންވީ ކީއްވެ؟

·        ދިވެހިރާއްޖޭގެ ތަޢްލީމީ ނިޒާމް ދޯދިޔާވެ، ހުސްވިއަހަރުގެ އޯލެވެލް އިމްތިޙާނުގައި ބައިވެރިވި ކުދީންގެ ތެރެއިން ހަމައެކަނި %30 ފާސްވާންވެ، ބާކީ %70 ފާސްނުވާންވީ ކިއްވެ؟

·        އަތޮޅުވެރީންނާއި ރަށު ކަތީބުން އިޚްތިޔާރުކޮށް އައްޔަން ކުރުމުގެ ބާރު އޭނާގެ ކޮއްކޮ ޙަމީދުއަށް ދީފައި އޮންނަނީ ކީއްވެ؟ މީހުން މަރާހެދުމަށްފަހުވެސް ހިތް ހަމަނުގެހުނީބާ؟

·        ދިވެހިރާއްޖޭގައި ކޮރަޕްޝަން ހައްދުފަހަނައަޅައި ގޮސްފައިވަނީ ކީއްވެ؟ މޭޒުދަށުން ރިޝްވަތު ހިފުމުގެ ގޮތް ދޫކޮށް އަދުލުވެރި ހަމަތަކެއްގެ މަތީން ވިޔަފާރީގެ ކަންތައްތައް ގެންދެވެން ނެތީތަ؟ މި ހުރިހާ ކޮރަޕްޝަނެއްގެ އަސްލު ފެށުމަކީ ދައުލަތުގެ އެންމެ މަތީ ބާރުތަކެއް ނޫންބާ؟

·        ދިވެހީންގެ އުމުރުކުރުވުމުގެ މައިގަނޑު ސަބަބަކަށް ނުރަނގަޅު ބޯފެން ވެފައިވާއިރު  ބޯފެނުގެ ސިއްޙީ ފެންވަރު ރަނގަޅުކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ނުކުރަނީ ކީއްވެ؟

·        ސިއްޙީ ޚިދުމަތުގެ ފެންވަރު ދަށްވެފަވާއިރު (ޚާއްޞަ ގޮތެއްގައި ރާއްޖެތެރޭގެ ރައްރަށުގައި) ރިޔާސީ ގަނޑުވަރާއި ޗުއްޓީ ހޭދަކުރައްވާ ނާޗަރަންގީތަކާއި ރައީސް އޮފީހަށް ހޭދަކުރާނެ ފައިސާ މިލިއަނުން ހުރިއިރު، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޚަރަދު ނުކުރަނީ ކީއްވެ؟

·        ދިވެހި ރައްޔިތުންގެ ކަންތައްތަކަށް ތަސައްވުރުކުރުންދަތި ހެޔޮބަދަލުތައް ގެނެވޭނެހާ ފައިސާ ޚަރަދުކުރައްވާ އިނގިރޭސިވިލާތުގެ ޕަބްލިކް ރިލޭޝަން ފާރމަކަށް ގިނަ ޢަދަދަކަށް ފައިސާދީގެން ދޮގުތަކާއި ހީލަތްތައް ފޮރުވަން މަސައްކަތް ކުރަނީ ކީއްވެ؟

މިސުވާލުތަކުގެ ޖަވާބު ދެނެގަތުމަށް އެއްވެސް މީހަކު ހާރވާރޑް ޔުނިވަރސިޓީގެ ޑިގްރީއެއް ބޭނުންފުޅު ނުވާނެކަން ކަށަވަރެވެ. އަދި ޚާއްޞަކޮށް މައުމޫނުގެ އަނިޔާވެރި ވެރިކަމުގެ ދަށުގައި ނިކަމެތި ކުރެވިފައިވާ ދިވެހީންނަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. މައުމޫނު މިހާރު އެކުރާ މަސައްކަތަކީ ބައިނަލް އަޤްވާމީ ސިޔާސީ މަސްރަހުގައި ޢިއްޒަތާއި އަބުރު ރައްކާތެރި ކުރުމުގެގޮތުން ކުރައްވާ މަސައްކަތެކެވެ. ކަމުގެ ތަޖުރިބާކާރަކު ވިދާޅުވާގޮތުގައި އޭނާގެ ތަޤުރީރުގެ %40 އަމާޒުކުރެވިފައިވަނީ ދާޚިލީ ނުވަތަ އެތެރޭގެ މަސްރަހުގައި ފައިތިލަ ޘާބިތުކުރުމަށާއި، %30 ބައިނަލް އަޤްވާމީ މަސްރަހަށް ކަމަށާއި، %30 ވާރުތަމުދަލެއްގެ ގޮތުގައި ދޫކޮށްލާ މުދާގަނޑެއްގެ ގޮތުގައި ކަމަށާއި ރައްޔިތުންގެ ކުރިމަތީގައި ޤަދަރާއި ޢިއްޒަތު އުފުލުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް ދެން މައުމޫނުގެ ކުރިމަތިގައި އޮތް ކަމައެކަނި ފުރުސަތަކީ ދިވެހީންނަށް އެމީހުންގެ މުސްތަޤުބަލު ރޭވުމުގެ މިނިވަންކަން ފުރިހަމައަށް ދިނުމެވެ. އެހެނީ، ވޭތުވެދިޔަ މިނަށްވުރެ ދިގު، އަނިޔާވެރިކަމާއި މަކަރާއި ހީލަތުގެ މުއްދަތުގެ ހިތި ތަޖުރިބާއަށްފަހު،  ޤައުމީ ލޯބި ހިތުގައި އޮތް އެއްވެސް ދިވެއްސަކަށް ވެލި ފުކެއް މިންވަރު ކަމެއްވެސް މައުމޫނާއި ޙަވާލުކުރަން  އިތުބާރު ކުރެވެންނެތީތީއެވެ.

މައުމޫނު ޢަބްދުލް ޤައްޔޫމް ތެދުވެރި ކަމާއިއެކު ދިވެހިންނަށްޓަކައި ހެޔޮ އަގުހުރި ތަރިކައެއް ދޫކުރަން ބޭނުންނަމަ، ކުރިހާ ކުށްތަކަށް އިޢްތިރާފްވެ، ދިވެހި ރައްޔިތުންގެ ކިބައިން މަޢާފް އެދި ލަސްނުކޮށް އިސްތިއުފާ ހުށައެޅުން ނޫން ގޮތެއް ނެތެވެ. އެހެން ނޫންނަމަ މައުމޫނުގެ ހަނދާން އާކުރެވޭނީ އަމިއްލަ އެދުންތަކުން ފުރިގެންވީ ތަޢްލިމު ލިބިފައިހުރި ޖާހިލުކަމާއި މުނާފިޤުކަމުން ތެމި ފޯވެފައިވާ ރައްޔިތުންގެ މުދަލާއި އެބައިމީހުންގެ ޙައްޤުތައް ނިގުޅަގަތް އަނިޔާވެރިއެއްގެ ގޮތުގައެވެ. މައުމޫން ޢަބްދުލް ޤައްޔޫމް ތާރީޚުގެ ތެރެއަށް ދޫކުރި ޞަފްޙާތަކަކީ ތާރީޚު ޢިލްމުވެރިންގެ އަގުހުރި ގަލަމުގެ ދެލިން ލިޔުން ޙައްޤުނޫން އަގެއްނެތް އެހެންފަރާތަކަށް ވާރުތަވުން އެދެވިގެންނުވާ އަގެއްނެތް އެއްޗެކެވެ،

 

| Main | News | Dhivehi | Editorials | Opinions | Guestbook |About Maldives |Downloads |About us | Links |

© Dhivehi Observer 2004