| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 01 August 2007 15:11
ނަފާ ނަސީމް
ވެރިކަމުގެ ނިޒާމޭކިޔައިގެން ރައްޔިތުންނަށް އޮޅުވާނުލާށެވެ
2 އޮގަސްޓް 2007
ދިވެހިރާއްޖޭގައި ވެރިކަންހިންގަން ފެންނަ ނިޒާމަކީ ކޮންނިޒާމެއްތޯ ބެލުމަށް ދިވެހިރައްޔިތުންގެ ޚިޔާލުހޯދުމަށް 18 އޮގަސްޓް ގައި ނެގުމަށްހަމަޖެހިފައިވާ ޢާއްމުވޯޓާއިގުޅިގެން، ބަޔަކުމީހުން ރައްޔިތުންނަށް ވަރަށްގިނަ ކަންތައް އޮޅުވާލަމުން އެބަގެންދެއެވެ. އޭގެތެރޭގައި ފުރަތަމަކަމަކީ؛ މިއުޅެނީ ރިއާސީތޯ ބަރްލަމާނީތޯ ބަލާކަށެއް ނޫނެވެ. މިއުޅެނީ މިހާރު ދިވެހިރާއްޖޭގައި އޮތް ދޯހަޅި ނިޒާމު އާދެ! ރިއާސީނިޒާމު ކަމުނުގޮސްގެން ، ރާއްޖެއަށް އައުނިޒާމެއް (ބަރުލަމާނީ ނިޒާމު) ތައާރަފްކުރުމަށްޓަކާ ވޯޓެއްނަގާށެވެ. ދެވަނަކަމަކީ؛ ދުނިޔޭގައި ފުރަތަމައޮތީ ރަސްކަމުގެ ނިޒާމެވެ. ރަސްކަލުން ރައްޔިތުން އަޅުވެތިކުރާތީ، ރައްޔިތުން ފަގީރުހާލުގައި ބައިތިއްބައިގެން، ރައްޔިތުންގެ މުދައު ފޭރިކާތީ، އެކަމާ ހިތްހަމަނުޖެހިގެން، ރަސްކަމުގެ ނިޒާމާއި ދެކޮޅަށް، އުފެއްދި ނިޒާމަކީ ޖުމްހޫރީ ނިޒާމެވެ. އެއީ މިހާރު މިއޮތް ރިއާސީ ނިޒާމެވެ. މިގޮތުން ރަސްކަމުގެ ނިޒާމުން ރިއާސީވެރިކަމުގެ ނިޒާމަށް (ޖުމްހޫރީ ވެރިކަމަށް) ދުނިޔޭގެ ގައުމުތައް ބަދަލުވާތީ، 1968 ވަނަ އަހަރު ރާއްޖޭގައި ވެސް ވެރިކަމުގެ ނިޒާމު އޮންނަން ފެންނަގޮތާއިމެދު އާއްމު ވޯޓެއް ނެގުނެވެ. އޭގެބޭނުމަކީ ރާއްޖޭގައި އޭރުއޮތްގޮތަށް ރަސްކަމެއް ބާއްވާނީތޯ ނުވަތަ ޖުމްހޫރީވެރިކަމަކަށް ދާނީތޯ ބެލުމެވެ. އެދުވަހު އާދެ! 1968 ވަނައަހަރު، ދިވެހިރައްޔިތުން ވޯޓުދިނީ އޭރުއޮތް ރަސްކަމުގެ ނިޒާމު ދޫކޮށްލައި، އަލަށް ތަޢާރަފްކުރެވިފައިވާ ޖުމްހޫރީ ނިޒާމަށް ރާއްޖޭގެ ވެރިކަން ހިންގުން ބަދަލުކުރާށެވެ.
އޭގެ އެތައް އަހަރުތަކެއްފަހުން، މިހާރު މިއުޅެނީ އެދުވަސް އައިސްގެނެވެ. ދުނިޔޭގެ ގައުމުތަކުގައި އޮތް ރިއާސީ ނިޒާމުތައް ގޯސްވެގެން، މިހާރު ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ވަނީ ރިއާސީނިޒާމުން ބަރްލަމާނީ ނިޒާމަށް ވެރިކަންހިންގުން ބަދަލުކޮށްފައެވެ. ސަބަބަކީ ރައްޔިތުންގެ ވެރިކަންކުރާ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށްވާތީއެވެ. އެހެންވީމާ މިހާރު ދިވެހިރައްޔިތުން ކުރިމަތީގައި އޮތް ސުވާލަކީ، ރާއްޖޭގައި މިހާރުމިއޮތް ކަމުނުދާ ރިއާސީ ނިޒާމުގައި ދެމިތިބޭނީތޯ ނުވަތަ އައުނިޒާމުކަމަށްވާ ބަރްލަމާނީ ނިޒާމަށް ރާއްޖޭގެވެރިކަން ހިންގުން ބަދަލުކުރާނީތޯއެވެ. ހަމަޔަގީނުންވެސް 1968 ވަނައަހަރު، ރަސްކަމުގެނިޒާމު ދޫކޮށް، ޖުމްހޫރީނިޒާމަށް ވެރިކަން ހިންގުން ބަދަލުކުރުމަށް ދިވެހިރައްޔިތުން ވޯޓުދިން ފަދައިން،އަންނަ 18 އޮގަސްޓްގައި ، ދިވެހިރައްޔިތުން ވޯޓުދޭނީ، މިހާރުމިއޮތް ޚުދްމުޚްތާރު ، ރައްޔިތުންނާ ދުޝްމިން، ރައްޔިތުންގެ ހައްގުތަކަށާއި، އިހުސާސްތަކަށް ނުބަލާ، ރިއާސީ ނިޒާމުދޫކޮށް، އަލަށް އީޖާދުކުރެވުނު، އަދި ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކާ އެއްގޮތަށް ، ބަރުލަމާނީ ނިޒާމަކަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ދީލާލައި، ބަދަލުކުރުމަށެވެ. މިއީ ހަމަ ޔަގީންކަމެކެވެ.
އެހެންވީމާ އަދިވެސް ތަކުރާރުކޮށް ދަންނަވަމެވެ. މިދައްކަނީ ދެނިޒާމެއްގެ ވާހަކައެއް ނޫނެވެ. މިދައްކަނީ މިހާރުއޮތް ރިއާސީ ނިޒާމު ފޭލިވެގެން، ރައްޔިތުންގެ ހައްގުތައް ނުލިބިގެން، އައުނިޒާމަކަށް އާދެ! ބަރުލަމާނީ ނިޒާމަށް ވެރިކަންހިންގުން ބަދަލުކުރާނީތޯ ނުވަތަ ނޫންތޯއެވެ. ފަހަރެއްގައިވެސް އޮޅުވާލާގެން ދެނިޒާމުގެ ވާހަކަ އެދައްކަނީ ރިއާސީނިޒާމުގައި މިހާރުވެސް ވެރިކަންކުރާ މީހުނެވެ. ނޫނީ އެބޯދާ ނިޒާމުގައި ދިވެހިން ބައިތިއްބައިގެން މިގައުމު އިތުރަށް ހަލާކުގެތެރެއަށް ގެންދަންބޭނުންވާ މީހުނެވެ. ބޯކޮޅު މައްޗަށްހުރި މީހަކު މިއަދަކު ރިއާސީނިޒާމެއް ބޭނުމެއްނުވާނެއެވެ. މުޅިދުނިޔެ އެގޮވަނީ ބަރްލަމާނީ ނިޒާމަށެވެ.
ދެން އެގޮވާ އެއްޗަކީ ރިއާސީ ނިޒާމެއްގައި ރައީސަކު ހޮވަނީ ރައްޔިތުން ވޯޓުލައިގެން ކަމަށެވެ. އެވެސް ހަމަ ކަނޑައެޅިގެން ދޮގެކެވެ. މިހާރުމިއޮތް ރިއާސީވެރިކަމަށް މިވަނީ 29 އަހަރެވެ. އޭގެކުރީގައި 20 އަހަރު މީހަކު ރައީސްކަން ކުރިއެވެ. މިހައިތަނަށް މުޅިންވެސް ހުރީ ވޯޓުލުމުގައި މަކަރުހަދާފައެވެ. ވޯޓުކަރުދާސްކޮޅު ހުންނަ ފޮތްފޮތް ހުރިގޮތަށް ، ކަނޑާނުލާ ރަގަޅުފާހަގަޖަހާގެން ފޮއްޓަށްއަޅާފައިހުރިކަމަށް ބުނެއެވެ. އެއީ އެބުނާ މުޅިރައްޔިތުން ވޯޓުލާގޮތްދޯއެވެ؟ އަނެއްކަމަކީ މިހައިތަނަށް ރިއާސީނިޒާމެއްގައި ރައީސަކަށް ހުންނަން (ފެންނަ-ނުފެންނަ) ބަލަން ރައްޔިތުންނަށް ހުށަހެޅެނީ ހަމަ އެންމެނަމެކެވެ. އިތުރު ޗޮއިސްއެއް ނާދެއެވެ. ރައީސްކަމަށް ރައްޔިތުންކުރިމްތީގައި ވާދަކުރާކަށް، އެހެން ކެންޑިޑޭޓަކަށް ފުރުސަތެއް ނުވެސްލިބެއެވެ. ރައީސަކަށް ހުންނަމީހެއްގެ ނުފޫޒާއިބާރުން ، މަޖިލީހުން އެހެންމީހެއްގެ ނަމެއް ހުށަހެޅުނަސް ފާސްވަނީ ހަމަ ރައީސްގެ ނަން އެކަންޏެވެ. މީގެކުރީގައި 1990ގެ އަހަރުތަކުގައި، ރައްޔިތުންގެ މަޖިލީހުން އިލްޔާސް އިބްރާހިމް ކިޔާމީހަކަށް 18 ވަރަކަށް ވޯޓުލިބުނުކަމަށް ތާރީޚް ދައްކައެވެ. އެހިސާބުން ކަންތައްވީ ކިހިނެއްތޯއެވެ؟ އިލްޔާސް އިބްރާހިމް ވީ ބަޣާވަތްކުރިމީހަކަށެވެ. ދައުލަތުގެ ފައިސާޔަށް ޚިޔާނަތްތެރިވި މީހަކަށެވެ. މަޖިލީހުގައިލީ ސިއްރުވޯޓެކޯލައެވެ. އެކަމަކު ސިއްރުން އޭނާޔަށް ވޯޓުލީމީހުންނާ، އެމީހުންގެ އާޢިލާތަކާ، ރާއްޖެތެރޭގައި އިލްޔާހަށް ސަޕޯރޓްކުރިކަމަށް އެތައްބައެގެ މައްޗަށް ތުހުމަތުކޮށް، ޖަލަށްލައި، އަރުވާލައި، މިހެންގޮސް އެތައް އަނިޔާތަކެއް ލިބުނީއެވެ. އެއީ ތިޔަވިދާޅުވާ (ރައްޔިތު އެންމެން ވޯޓުލައިގެން ރައީސްހޮވާ ރިއާސީނިޒާމުގެ) ވާހަކައެވެ. ރިއާސީނިޒާމުގައި ވޯޓުގެކަންތައްދާގޮތް މިއޮތީ ފެންނާށެވެ. ބިރުވެރިކަމުގެ ކޮޅެއްނެތެވެ..އެކަމަކުވެސް ހަމަ ތިބުނަނީ ރާއްޖެއަށް ރަގަޅީ މިހާރުމިއޮތް ރިއާސީނިޒާމޭތޯއެވެ؟ އަޅެފަހެ މީހަކު މޮޔައެއްނުވާނެތޯއެވެ؟
ދެން އެބުނަނީ ރިއާސީނިޒާމުގައި ބާރުތައް ވަކިވާ ވާހަކައެވެ؟ އެއީ ކޮންގޮތަކުންއޮތް ކޮން ތިންބާރެއްތޯއެވެ؟ އޮޅުވާލަން ނޫޅުއްވާށެވެ. ރިއާސީނިޒާމުގައި ދައުލަތުގެ ވެރިއަކީ ރައީސެވެ. ސަރުކާރުގެ ވެރިއަކީވެސް ރައީސެވެ. ސިފައިންގެ ވެރިއަކީވެސް ރައީސެވެ. ދެންހުންނާނީ ބާރުތައް ވަކިވެފައި ނޫންތޯއެވެ؟ ބަފަޔާ އޮޅުވާލަންނޫޅޭށެވެ. ރިއާސީނިޒާމުގައި ވެރިކަމުގެބާރާ، ހަތިޔާރުގެބާރާ، ގޮށްމުށުގެބާރާ، މުލައްދަނޑީގެބާރާ، ފައިސާގެބާރާ، މިހުރިހައި ބާރެއް އޮންނަނީ ރައީސްއަތުގައެވެ. ދެންވެސް އޮންނާނީ އެހެނެވެ. އެވަރަށް ރިއާސީނިޒާމޭ ކިޔައިގެން ރައްޔިތުން ހައްދައި، މަކަރާހީލަތްހަދަނީ އެހެންވެގެނެވެ. އެބާރުތައް އޮތީމައެވެ. ރައްޔިތުންނޭ ވިސްނަވާށެވެ. މިފަހަރު ބަރުލަމާނީ ނިޒާމު ފޭލިކޮށްލުމަށްޓަކާ، ސިފައިންނާއި ފުލުހުން ކިއެއްތަ ، ވޯޓުލެވެންޏާ، ވަލުޖަނަވާރާ، ކަނޑުގައިވާ މަސްމަހާމެހީގެ ނަމުގައި، ނޫނީ ކަށްވަޅުގައިތިބި މީހުންގެ ނަމުގައިވެސް ވޯޓުލާން އުޅޭނެއެވެ. ފައިސާވެސް ބަހާނެއެވެ. ވަޒީފާތައް ވެސް ދޭނެއެވެ. މަގާމުތައްވެސް މަތިކުރާނެއެވެ. މިއިންތިޚާބު ބަލަން ބޭރުމީހުން ވެސް އަޔަކަނުދޭނެއެވެ. ވޯޓުފޮށިތައްވެސް ފަޅަން މަސައްކަތްކުރާނެއެވެ. ރައްޔިތުން މިކަންކަމަށް ސަމާލުވެ ތިއްބަވާށެވެ. ދެން މީގެފަހުން އެއްވެސް ފަހަރަކު ވޯޓުފޮށި ފެޅިޔަނުދެއްޗެވެ.
އެކަމަކުވެސް ދަންނަވަންތޯއެވެ؟ އެމީހުން ހަމަ އެހެން ތެޅިތެޅިތިއްބައި، 2000 ވަނަ އަހަރުންފެށިގެން، އިސްލާހަށް ކުރިމަސައްކަތްތައް މިދަނީ ކާމިޔާބު ވަމުންނެވެ. ދިވެހިރާއްޖެ މިއަންނަނީ ބަދަލުވަމުންނެވެ. ދިވެހިންގެ ސިޔާސީ ، އިޖްތިމާޢީ، އަދި އިގްތިސޯދީ ހައްގުތައް އެމީހުނަށް އެނގެމުން ހޭލުންތެރިވަމުންނެވެ. އޭރު އެދުވަހު މިއަށްވުރެ މާބިރުވެރިއެވެ، މާޚުދްމުޚްތާރެވެ. އެކަމަކުވެސް ހަމަ ރައްޔިތުންގެ ހީވާގިމަސައްކަތުން މިއޮތީ ޕާޓީތައްވެސް ހެދިފައެވެ. ނޫސްތައްވެސް ނެރެވެނީއެވެ. އަމިއްލަ ރޭޑިއޯތައްވެސް އެފެށެނީއެވެ. 18 އަހަރުގެ ޒުވާނުންނަށް ވޯޓުވެސް ލެވެނީއެވެ. މަޖިލިސްވެސް ދުރަށްދެއްކެނީއެވެ. ޢަރަބި ޅެންވެރިއަކު ބުނާހެން؛
ފަތިސްވާން ކައިރިވެއްޖޭ، އަލިވިލޭކަށް، ގިނައިރެއް ދެންނެތް
އިތުރު ކުޑަހިތްވަރެއްލާށޭ، ލިބޭނޭ ނަސްރު، ޝައްކެއްނެތް
މި އަނިޔާވެރިކަމުގެ މުއްލާ، މި ޚުދްމުޚްތާރު ގޯރިއްލާ
މި ''އަންނި'' ޖަހާމަޅީގައި ބެދި، ނިމޭކަށް، ހިނދުކޮޅެއް ވެސްނެތް
ނިޒާމަށް ވޯޓުލާށޭ ބަރްލަމާނީ، ރުހި ގަބޫލުވެގެން
މިޒާލިމު ދޮގު މަކަރުވެރިޔާ، އެބޭގަނޑު ކޮށްލަމާތޯ ހުތް
ދެންފަހެ މިހިރަ މިހިރަކަންކަމަކީ މީގެކުރިން ވާކަންކަމެއްނޫނޭ، މިކަންތައް ވިޔަނުދޭން ކަނޑިއާ ބަޑިއާ ހިފައިގެން ބަޔަކު ތިބޭއިރުވެސް، މިކަންކަން މިވަނީ ކީއްވެގެންބާއޭ، އެއީފަހެ މަތިވެރި ﷲގެ ހިކްމަތްފުޅާ، ގުދްރަތުގެ ރޭވުމުން ނޫންބާއޭ، އަޅެފަހެ ކަލޭނޭ ކަލޭމެން މިކަމާ ބުނަނީފަހެ ކީކޭހޭ..މީގެން ދައްކަނީ މަތީގަޑީން ޖެހީމާ ހަމަ ކޮންމެކަމެއްވެސް ވާނޭ، މާތްކަލާންގެ ރުއްސެވިއްޔާ މިވޯޓުވެސް ބަރްލަމާނީނިޒާމަށް ދިވެހިރައްޔިތުން ކާމިޔާބު ކުރާނޭ..ހަމްދުހުރީ އަރަހުށި ހުސްތޯހިރުވަންތަ މާތްﷲ އަށޭ...އަލިފްހާ...އިންތަހާ....ދެންމިހިސާބުން (ބަރްލަމާނީއަށް ވޯޓުދެއްވާށޭ) ބުނެ ނިންމާލާނަމެވެ.
click here to visit kobaaNet
| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |
© Dhivehi Observer 2004